ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގުރާމް ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ދުވަސްތަކުގައި ކުޑަކުދިންނާއި އާންމު ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އުފާވެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި ވުޒާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.

މި ޕްރޮގްރާމުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ކުޑަކުދިންގެ އެކި ހުށަހެޅުންތަކާއި، ކުޑަކުދިން ޝައުޤުވެރިވާފަދަ ހަރަކާތްތައް ހިމެނެއެވެ.

އަދި މި ޕްރޮގްރާމުގައި ދީނީ ޢިލްމުވެރިންނާ ސުވާލުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ޕްރޮގްރާމްތަކަކީ ރަމަޟާން މަހުގެ ރޫޙު އާލާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެކެވެ.