ހއ. އަތޮޅަށް ބޭންކް އޮފް މޯލްޑީވްސް، ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތަޢާރަފްކޮށްފިއެވެ. އެ އަތޮޅަށް މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް މި ފައިނޭންސިންގސްކީމަށް އެދި ހުށަހެޅޭނެ ކަމަށާއި އަދި މި ލޯނު ސްކީމްގައި އެއްވެސް އިތުރު ސެކިއުރިޓީއެއް ބޭނުންނުވާނެ ކަމަށެވެ.
"ގެސްޓްހައުސް އަޅަން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ. ގެސްޓްހައުސް މޯގޭޖްކޮށްގެން އެ ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ފައިނޭންސް ދޫކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ފާއިތުވި 5 އަހަރު ތެރޭގައި 400 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ރިސޯޓު ތަރައްޤީއަށް ފައިނޭންސްކޮށްދެވިފައިވާނެ. މިކަމުންވެސް ދައްކައިދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.
މި ފައިނޭންސިންގސްކީމާ ގުޅޭ މަޢުލޫމާތު ހއ. އަތޮޅުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތައް ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށްވެސް ޝަރީފް ހާމަކުރެއްވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.