އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ އެގާރަ ޖަހާކަށްހާއިރު ކަމަށް ވެއެވެ. އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ނިދާފައި ތިއްބާ ކަމަށާއި އަދި އަލުފާން ރޯވީ ދެމަފިރިން ނިދާފައި ތިބި އެޕާޓްމެންޓުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސެންޓް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، ފިރިހެން މީހާގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ.

ރަސްދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ފިހުނު ދެމީހުން މިހާރު ވަނީ މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދެމަފިރިންގެ ކުޑަކުއްޖަކު ހުރި ނަމަވެސް، ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނެތްކަން ފާހަގަކުރެވެއެވެ. އަދި މި އެޕާޓްމެންޓުގައި އަންހެން މީހާގެ މައިންބަފައިން ވެސް ދިރިއުޅޭ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ދެ މީހުންނަށް މި ހާދިސާގެ ސަބަބުން އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ

މިކަމާ ގުޅޭގޮތުން ފުލުހުން ގެ ބަހެއް އަދި ލިބިފަައެއް ނުވެއެެވެ. ހަމައެހެންމެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވެއެވެ.