ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހަބުއްދީނާއި އެޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު ޑރ. މުޙައްމަދު ޔޫނުސް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގާތްގުޅުން މުސްތަގުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވުޒާރާގެ އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ޚާރިޖީ ވަޒީރުގެ މެސެޖުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގާތްގުޅުމާއި ރާއްޖޭގެ ތަރައްގީގައި އެ ޤައުމުން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ޑރ. ޚަލީލްގެ މެސެޖުގައި ކުރިއަށްއޮތްތަނުގައިވެސް ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗް 26 ވަނަ ދުވަހުއެވެ. މިއީ 1971 ވަނަ އަހަރު ބަންގްލަދޭޝް ޕާކިސްތާނުން ވަކިވެ މިނިވަންވި ދުވަހެވެ.