ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައާއި ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނެފައިވަނީ ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. މި ކަމާ ގުޅިގެން ފުލުހުން ވަނީ ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަޤީންކުރުމަށް ފަހު ނޫނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކޮށްފައިވާ ގޮތުގައި އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ކަމަށްވާ ފްލޭޝް ކޯލްސް މިހާރު ވަނީ ތަޢާރަފްވެފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކޮބައިކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން މި ބާވަތުގެ ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާ ސްކޭމްތަކާ ގުޅޭގޮތުން ފުލުހުން ވަނީ ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމަށް އެދިފައެވެ. އަދި އަގުހެޔޮ ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމުކޮށްފައެވެ. މި ސެންޓަރަށް ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ.