ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދު އެރުވުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޖަލްސާ ކުރިއަށްދާނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޒުކަމުގެ ސަނަދު އަރުވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއީ ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ ބާއްވާ ފުރަތަމަ އަހަރެވެ. މީގެ ކުރިން ޙާފިޡުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ވަކި ޖަލްސާއެއް ބާއްވާފައި ނުވެއެވެ. ނަމަވެސް މިއަހަރު ސަރުކާރުން ވަނީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު އަރުވައި އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމާއި، ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއް ފެށުމާއި، ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވުން ފަދަ ކަންކަން ވަނީ ތަޢާރަފުކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ޙާފިޡުން ދަސްވެނިވާނީ ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ ގައުން އެއްގައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.