ދިވެހިރާއްޖެއިން ނެދަލަންޑްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑްސްގެ ރަސްގެފާނު ކިންގް ވިލްއެމް-އެލެގްޒެންޑަރއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ޕްރައިވެޓް އޯޑިއަންސްގައި، ސަފީރު ޤީލާ ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލަންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ ވަނީ އަރުވާފައެވެ.

ދިވެހިރާއްޖެ އާއި ނެދަލަންޑްސް އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ މިހާރު ވަނީ 45 އަހަރު ފުރިފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގައި ނެދަލަންޑްސްއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު އެހީތެރިއެއް ކަމުގައި ވެފައިވެއެވެ.

މި މުހިންމު ރަސްމިއްޔާތުގައި ސަފީރު ޤީލާ ޢަލީގެ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.