ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ކުރިން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަމުން އައި މިންވަރާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ "މިހާރު 95 ޕަސެންޓް ޤާނޫނާ އެއްގޮތަށް މާރު ކުރަމުން ދަނީ، ބާކީ 5 ޕަސެންޓް ވެސް މީގެ ތެރެއަށް ވައްދާނަން," ކަމަށެވެ.
ޖަނަވަރީ 1 އިން ފެށިގެން ޢަމަލު ކުރަން ފެށި މި ޤާނޫނުގެ ދަށުން، ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކު ރުން ލާޒިމްކުރެއެވެ. މި ޤާނޫނު އެކުލަވާލެވިފައި ވަނީ ރާއްޖޭގައި ދިމާ ވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމުގެ މަޤްޞަދުގައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރަށްވުރެ އިތުރަށް އެ އަދަދު ބޮޑު ކުރެވޭނެއެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށް، ޓީ.ޓީ ހެދުމުގެ ފުރުޞަތުވެސް އިތުރަށް ފުޅާކުރެވޭނެއެވެ.
ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު ތިރިވެ، ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަތުން މަދުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި މި ބަދަލަކީ އެންމެހާ ރައްޔިތުންނަށް ފައިދާކުރާނެ، ކުރިއެރުން ލިބޭނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.