ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަމާޒުކުރެވިފައިވަނީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ޒުވާނުން އެކަމުން ދުރުހެލިކުރުވުމަށެވެ.
"ދެން އޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފައި މިއޮތީ ޖެނެރޭޝަން ބޭން އޭ މިކިޔާ ޚާއްސަކޮށް ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން. އެއީ އެކަން ކަށީގަ ހިފައިގެން ގިނަ ދުވަސްތަކެއް މިކަމުގަ އުޅެފަ ހުންނާނީ ތަންކޮޅެއް އުމުރުން މަތީ މީހުންތާ. އެކަމަކު 18 އަހަރު ވެގެން ގޮސް އެކަމުގެ ތެރެއަށް މި ދާ ކުދިން އެކަމުން ދުރުކޮށްދީ އެކުދިންގެ މުޅި ހަޔާތް ކުރިއަށް އޮތް ތަނުގަ އެކަމުން ސަލާމަތްކޮށް އެކަމުން ދުރުގަ ތިބެން ބާރުއެޅޭނެ ގޮތް ތަކެއް އަޅުގަނޑު ހަމަޖައްސާނަން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ އަލަށް ބޮޑުވާ ޖީލުތައް ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އަދި އިމްޕޯޓް ޤާނޫނަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން، ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރިކުރުން ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ވޭޕްގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުމާއި ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން، ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ތަރުކާރީއާއި މޭވާގެ އަގުތައް ތިރިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މި ފިޔަވަޅުތަކާ ގުޅޭ އިތުރު ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.