ބަރުމާ (މިޔަންމާ) އަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި ބަރުމާގެ 150 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑިއާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޔަންމާއަށް އައި އެންމެ ބާރުގަދަ ބިންހެލުން އައީ 7.2 މެގްނިޓިއުޑް ބާރުމިނުގައެވެ. ނަމަވެސް އެމެރިކާއާއި ޗައިނާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާތަކުން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށެވެ. މި ބިންހެލުމުގެ އަސަރު ތައިލެންޑްގެ ވެރިރަށް ބެންކޮކަށްވެސް ކޮށްފައިވާއިރު، އެ ސަރަހައްދުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.
ރައީސް މުއިއްޒު ތައިލެންޑްގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި، "މި ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ" ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރައްވާފައިވަނީ މި ކާރިސާގެ ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާއެކު ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.