މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން މިއަދު 12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، ކުޑަކުދިންގެ ޕާކު ނެތް ރަށްތަކުގައި އައު ޕާކުތައް ތަރައްޤީކުރެވޭނެއެވެ.
މިއަދު ހަވީރު ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާ އެވެ.
މަޝްރޫޢު ޙަވާލުކުރެވުނު ރަށްތައް
މި މަޝްރޫޢުގެ ދަށުން ފެނަކައާ ޙަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ށ. ފީވައް، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. ކުޑަފަރި، މ. ވޭވަށް، އަދި މ. މަޑުއްވަރި ހިމެނެއެވެ. އެމްޓީސީސީއާ ޙަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫ، އަދި ފ. ނިލަންދޫ ހިމެނޭއިރު، އާރުޑީސީއާ ޙަވާލުކުރެވުނީ ނ. ކެނދިކުޅުދޫ އަދި ނ. ވެލިދޫގެ މަސައްކަތެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕާކުތައް ނިންމުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައެވެ. "މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ކުޅެ އުޅުމަށް އެކަށީގެންވާ ތަންތަން ފޯރުކޮށްދިނުން" ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން ރަށްރަށުގެ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި ހަރަކާތްތެރިވެ، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.