ފިޠުރު ޢީދު ދުވަހާ ގުޅިގެން މާލޭގައި އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު އިޢުލާން ބާޠިލުކޮށްފިއެވެ.

މި އިޢުލާން ބާޠިލުކުރުމާ ގުޅިގެން މިހާރު ހުރިހާ އުޅަނދުފަހަރެއްވެސް މާލޭގައި ދުއްވޭނެކަމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.

މިދިޔަ ހުކުރު ދުވަހު ނެރުނު އިޢުލާނުގައި ވަނީ މިއަދު ހަވީރު 4 އިން 6 އާ ހަމައަށް އެއްވެސް އުޅަނދެއް މާލެ ސަރަހައްދުގައި ދުއްވުން މަނާކުރައްވާފައެވެ. މީގެ އިތުރުން ބަރު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 11:30 އާ ހަމައަށް މަނާކުރައްވާފައިވާކަމަށްވެސް އެ އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.

ނަމަވެސް، އިޢުލާން ބާޠިލުކުރެއްވި ސަބަބެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި ނިންމުމަކީ ކުއްލިގޮތަކަށް ނިންމެވި ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.

ޢީދު ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ޓްރެފިކް ބޮޑުވުމާ ގުޅިގެން، ކޮންމެ އަހަރަކުވެސް ވަކި ގަޑިތަކެއްގައި އުޅަނދު ދުއްވުން މަނާކުރުމަކީ ކުރެވެމުން އަންނަ ކަމެކެވެ. މިފަދަ ފިޔަވަޅުތައް އަޅުއްވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމުގައި ވުޒާރާއިން ވިދާޅުވެއެވެ.