ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މިފަދައިން ވަޒީރު ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރާ ގުޅިގެން ޓީވީއެމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ދިވެހިންނަކީ "ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން ތިބި ބައެއް" ކަމަށާއި، ކިޔަމަންތެރި އަދި އެއް ސަފެއްގައި އެއް އަމާޒަކަށް އެކުގައި ކުރިޔަށް ދިޔަ ބައެއްކަމެވެ. މި ހުރިހާ މާނައެއް ހިއްޗަށް ވަޑައިގަތުމުގެ ކުޅިވަރުގެ ތެރެއިން ދައްކުވައިދޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ހިއްޗަށް ވަޑައިގަތުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރަސްކަމުގެ ތެރޭގައި ބޭއްވޭ އަދި ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއް ކަމަށެވެ. އަދި މިރޭ ބޭއްވެނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއްކަމަށް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތަޢުލީމީ ގޮތުން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.
ތާރީޚީ ގޮތުން މި ހަރަކާތަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވަކި ދުވަސްތަކެއްގައި ބާއްވާ ހަރަކާތެއްކަމަށާއި، މިކަމާ ގުޅިގެން ތަފާތު ކެއްކުންތަކާއި، ހިތިގެ އަދި ބަތް ފިޔަފާޅި ފަދަ ތަންތަން ތައްޔާރުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކެއް ގުޅިގެން ވުޒާރާގެ އިސްނެގުމުގެ މަތިންކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އާދަކާދަ އުފެދިގެން އައި ގޮތާއި، އޭގެ މާނަތަކާއި، ދިވެހިންގެ ދިރިއުޅުމުގައި މިކަން އަދާކުރި ދައުރަކީ އިތުރަށް ދިރާސާކުރަންޖެހޭ ކަންކަމެވެ. އަދި މިހާރު މި ގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައިކަން ވެސް ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.