ނިމުނު ރަމަޟާން މަހު، ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި 108،801 މަސްދަޅު ކޭސް ބެހުމަށް ދައުލަތުން 79.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގެ ދަށުން، މާލެ އާއި އަތޮޅުތެރޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ވަނީ ހަދިޔާ ކޮށްފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 108،801 މަސްދަޅު ކޭސް ބަހާފައިވާ ކަމަށާއި ރައްޔިތުންނަށްޓަކައި ދައުލަތުން ހޭދަކުރި 79.4 މިލިއަން ރުފިޔާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މިފްކޯއިން ކޮންމެ މަސްދަޅު ކޭހަކަށް 30 ރުފިޔާގެ ޑިސްކައުންޓެއް ދިނުމާއެކު، ކޮންމެ މަސްދަޅު ކޭހަކަށް ސަރުކާރުން ހޭދަކުރީ 730 ރުފިޔާއެވެ.

މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ކުންފުނިތަކާއި ދިވެހި ސިފައިންގެ އެހީތެރިކަމާއެކުގައެވެ. އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ.