ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު އަންނަ މަހުގެ 8 ވަނަ ދުވަހު ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ "ރައްޔިތުންނާއިއެކު ޕޮޑްކާސްޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮރެންޖް ހިޔާގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވިއެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން، އެ މަސައްކަތް ވަނީ ޤައުމީ ދިފާއީ ބާރާ ހަވާލުކުރައްވާފައެވެ.

"30 އޭޕްރީލްއަށް ނިންމާނެ އިރާދަކުރެއްވިއްޔާ ސިފައިން. މެއި މަހު 8 އެއީ ދުނިޔޭގެ ތެލަސީމިއާ ދުވަސް. އެދުވަހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގައި ހުރި މަރުކަޒު ހުޅުމާލެއަށް ބަދަލުކޮށް ވަރަށް ފަސޭހަކަމާއިއެކީގައި މާ އުނދަގުލެއް ކުދިންނަށްވެސް ދިމާނުވާގޮތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޭވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އައު ސެންޓަރުގައި ތުއްތު ކުދިންނާއި ބޮޑެތި ކުދިންނަށް ލޭއެޅުމަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ޑީއެންއޭ ޓެސްޓުކުރާނެ މެޝިނެއް ހޯދުމަށްވެސް ވަނީ އަންގަވާފައެވެ. އަދި ސެންޓަރުގައި ސީނިއަރ ފިޒީޝަނެއް ފުލްޓައިމްކޮށް މަސައްކަތްކުރަން ފަށާފައިވާއިރު، އިތުރު 5 ނަރުހުން ހޯދުމަށް އިޢުލާންކޮށްފައިވާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ތެލަސީމިއާއަކީ ޤައުމުގައި ވަރަށް ބޮޑު މައްސަލައެއްކަމަށާއި، މިކަމަށް ރަނގަޅު ހައްލެއް ނައިސް ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، މިހާރު މި މައްސަލަ ރައީސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.