މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ޢާއިލީ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކުގައި މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދުތަކެއް ހިމެނޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިއީ ބިންހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުން، ޚާއްޞަކޮށް އިސްރަށްވެހިން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އަޅުއްވާ ފިޔަވަޅެކެވެ.
މާލޭގެ ޕާކުތަކަށްވެސް އިސްކަމެއް ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. "ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރަށް ތަރައްޤީކޮށް، އެޑްވެންޗަރަސް އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ވަނީ ނިންމާފަ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ މިއީ ސަރުކާރުގެ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތުގެ ބައެއް ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން މަޝްވަރާކޮށް، އެބައިމީހުންގެ ބޭނުންތަކަށް އިޖާބަދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.