އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި މިސްކިތަކީ މަތީ ފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއްކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމެނުމާ ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އާއި މާމިގިލީ ކައުންސިލްގެ ރައީސް ޢިމާދު ފާރޫޤު ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ތަރިކައިގެ ލިސްޓުގައި މި މިސްކިތް ހިމެނުމަށް އެދިފައިވެއެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވައިގެން ފަށްޓަވާފައިވާ އެއް މަޝްރޫޢެވެ. އެގޮތުން ތާރީޚީ ބިނާތައް ޙިމާޔަތްކޮށް، ޤައުމިއްޔަތު އާލާކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިސްކިތުގެ ގަލު ވަޑާމަކީ ފާހަގަކޮށްލެވޭ ތަފާތު މަސައްކަތްތަކެއް ކަމަށާއި، މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން މިހާތަނަށް ވަރަށް ފުރިހަމައަށް ކޮށްފައިވާކަން ފާހަގަކުރެއެވެ. އަދި "މާމިގިއްޔާއި ފެންފުއްޓަކީ ގަލު ވަޑާމުގައި ފާހަގަކޮށްލެވޭ މީހުން ތިބި ރަށްތަކަށްވާއިރު، މިފަދަ މަސައްކަތްތައް ފެންނަ ތަންތަން ހިމާޔަތްކޮށް އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުން މުހިއްމު," ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި 400 އެއްހާ ތަރިކަ އެބަހުއްޓެވެ. އަދި ފަސްޖެހި ވަޅުލެވިފައިވާ ބިމު އަޑީގައި ހުރި ތަރިކަތައް ހިމެނޭހެން ރާއްޖޭގައި ހުރި ތަރިކަތަކުގެ އަދަދު 2000 އާ ގާތްކުރާ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.