ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ އެންފީލްޑުން ބައްދަލުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެލިވަޕޫލް ފުޓުބޯޅަ ކްލަބުގެ ލެޖެންޑް އަދި އެމްބަސަޑަރ އިއާން ރަޝް ވިދާޅުވެއްޖެ އެވެ.

އިންސްޓަގްރާމްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، ރަޝް ވިދާޅުވީ މިފަދަ ޕާޓްނަޝިޕްތަކަކީ ދެފަރާތަށްވެސް ފައިދާކުރާނެ ކަންކަން ކަމަށެވެ. އަދި ލިވަޕޫލްގެ 200 މިލިއަނަށްވުރެ ގިނަ މީހުންގެ ފޭން ބޭސްއެއް ސޯޝަލް މީޑިއާގައި އޮތުމާއި، މިދިޔަ ސީޒަނުގައި އެ ކްލަބުގެ ކޮންޓެންޓުތަކަށް 12 ބިލިއަން ވިއުޒް ލިބިފައި އޮތުމަކީ، މި ޕާޓްނަޝިޕާއެކު ދިވެހިރާއްޖެ ދުނިޔެއަށް އިޝްތިހާރުވެގެންދާނެ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރަޝް އިތުރަށް ިތުރަށް ވިދާޅުވީ، ވިޒިޓް މޯލްޑިވްސްއާއެކު ހެދި މި ޕާޓްނަޝިޕަކީ ހަމައެކަނި ފަތުރުވެރިކަން އިޝްތިހާރު ކުރުން ނޫން ކަމަށެވެ. މި ޕާޓްނަޝިޕްގެ ދަށުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ، ތިމާވެއްޓާ ގުޅޭ މައްސަލަތައް ކުޑަކުރެވޭނެ ގޮތްތަކަށްވެސް މަސައްކަތް ކުރާނެކަމަށް އިއާން ރަޝް ވަނީ ހާމަކުރައްވާފައެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ލިވަޕޫލްގެ ސަސްޓެއިނެބިލިޓީ ޕްރޮގްރާމް، ދަ ރެޑް ވޭގެ ދަށުން އެވެއާރނެސް އިތުރުކޮށް ފައިދާހުރި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެވިގެން ދާނެ ކަމަށްވެސް ރަޝް ވިދާޅުވިއެވެ.

ލިވަޕޫލް އާއި ވިޒިޓް މޯލްޑިވްސްގެ މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ވަނީ މިހާރު ރަސްމީކޮށް ފަށާފައެވެ. މިކަމަށް ޙާއްސަކޮށް އޮތް ރަސްމިއްޔާތު އޮތީ ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި މެޗުގައެވެ.