މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށްފިއެވެ.
މި ބަދަލާއެކު، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އެމްބީއެސްއިން ޚިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.
ކުރިން އެމްބީއެސް ހުޅުވިފައި ހުންނަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ. މި ބަދަލާއެކު ޚިދުމަތްދޭ ވަގުތު އެއްގަޑިއިރަށް އިތުރުވެގެން ގޮސްފައިވެއެވެ.
މި ބަދަލާއެކު، އެޗް.ބީ ބެލުމަށް ސާމްޕަލް ނެގުމާއި، ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގުން، ޑޯނަރުންގެ ގައިން ލޭ ނެގުމާއި އެފެރެސިސްކޮށް ލޭ ނެގުން އަދި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ރޭގަނޑު 8:00 ގެ ބަދަލުގައި 9:00 އާ ހަމައަށް ލިބެން ހުންނާނެއެވެ.
އެމްބީއެސްގެ ޚިދުމަތްތަކުގެ ތެރޭގައި ތެލަސީމިއާ ސްކްރީނިންގ އާއި ތެލަސީމިއާ ކާޑު ދޫކުރުން، އަދި ލޭ ގުޅައިދިނުމުގެ ޚިދުމަތްތައްވެސް ހިމެނެއެވެ. މި ބަދަލާއެކު، ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ނިންމަވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.