ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފިޠުރު ޢީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ނިންމައިފިއެވެ.
މިއަހަރުގެ ޢީދު އަލި ހަރަކާތުގައި ރާއްޖޭގެ ސިޓީތަކުގެ އިތުރުން ކޮންމެ އަތޮޅަކުން ދެ ރަށެއްގެ މަގުތައް ވަނީ ކުލަގަދަ ބޮކިތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ސަބަބަކީ މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންދިޔައީ ހަމައެކަނި ބޮޑެތި ސިޓީތަކުގައި ކަމަށްވާތީއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މި ހަރަކާތް ކުރިއަށްގެންދިޔައީ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެންނެވެ. "ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި މި ލައިޓްތައް ބޭނުންކުރެވޭނެ" ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އީދުއަލި އުފާވެރި ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޝަފާ، ހުވަދޫމީޑިއާ
ޢީދު އަލީގެ އިތުރުން، ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން ތަކުބީރު އިއްވުމުގެ ކަންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ރައީސް މުޢިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވިއިރު ފެއްޓެވި ކަމެއް ކަމަށްވެފައި، ގިނަ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނުވި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ. މިފަހަރުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭގައެވެ.
ސިޓީތަކާބެހޭ ވުޒާރާއިން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ކައުންސިލްތަކަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކައުންސިލްތަކުން ލައިޓްތަކާއި ގިޑިގެތަކާއި ސްޕީކަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.