އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ސުލްހަވެރިކަން ޤާއިމްކުރުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުމުގެ ވިސްނުން އިސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
"ބަންޑުން އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުން އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢުގެ ދަށުން ބޭއްވުނު މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ވަނީ، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އަދި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލައްވާފައެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ހާލަތަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ދުނިޔޭގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ލާމަރުކަޒީ ޤާނޫނު ފަދަ ޤާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލެއްވި މަޖިލީހުގެ ރައީސް، މި ޤާނޫނުތަކުގެ ސަބަބުން މުޖުތަމަޢުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ "ނާމް" މެންބަރު ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް ގޮވާލައްވަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.