ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި ޖުމްލަ 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، 500 ކިލޯވޮޓް އަވަރުން ފެށިގެން 3000 ކިލޯވޮޓް އަވަރާ ހަމައަށް ހުރި ބެޓެރީ ސިސްޓަމްތައް އެކި ރަށްރަށުގައި ޤާއިމްކުރެވޭނެއެވެ. މި މަސައްކަތް ވަނީ ޗައިނާގެ ކުންފުނިތަކެއްގެ ޖޮއިންޓް ވެންޗަރއަކާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ސަބަބުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ސިސްޓަމްތައް ޤާއިމްކުރުމުގެ ސަބަބުން، އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމަށާއި، ގްރިޑް ސްޓެބިލައިޒް ކުރުމަށް ފުރުޞަތު ލިބި، މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުން ގޭގޭގައާއި އިމާރާތްތަކުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ކުޑަކުރެވޭނެކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިޤްތިޞާދީ ގޮތުން ފައިދާހުރި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.