ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީ.އެސް.އޭ އެކްސްޕޯ)ގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ ހުޅުވާލައިފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަން އިޢުލާންކުރަމުން ބުނެފައިވަނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމުގެ ފުރުޞަތު ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަން ޗައިނާ ސަރުކާރުގެ ފަރާތުން އަންގާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. އަދި ދިވެހިރާއްޖެއަށް ބޫތު ލިބޭ މިންވަރަށް ބަލައި، ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2025 ގެ ކުރިން  މިމެއިލް  އަށް އެޕްލިކޭޝަން ފޯމް ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.