ސްވިމިންގ އެސޯސިއޭޝަނުން އަލަށް ގާއިމުކުރަމުންދާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއ ބައްލަވާލައްވައިފިއެވެ.
ވަޒީރު ރާފިއު އަލަށް ގާއިމުކުރާ ސްވިމިންގ ޕޫލް ހިމެނޭ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ. މި ދަތުރުފުޅުގައި ވަޒީރު ވަނީ ޕޫލުގެ އެންމެ ފަހުގެ މަސައްކަތްތައް ދާގޮތް އޮޅުންފިލުއްވައި، މިހާރު ކުރަން ހުރި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.
50 މީޓަރުގެ މި ސްވިމިންގ ޕޫލަކީ އަމިއްލަ ފަރާތަކާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަނުން އިސްނަގައިގެން ގާއިމުކުރަމުންދާ އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލެކެވެ. މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އަޅައި ބޭސް ގާއިމުކުރުމުގެ މަސައްކަތެވެ. ދެ ބުރިއަށް ހަދާ މި ސްވިމިންގ ކޮމްޕްލެކްސް ތައްޔާރުކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސްވިމިންގ ތަމްރީނުތައް ކުރިއަށްގެންދެވޭ ގޮތަށެވެ.
އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މި ޕޫލަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ވަނީ ރާއްޖެއިން ބޭރުން ޚާއްޞަކޮށް ތައްޔާރުކުރެވިފައެވެ. އަދި ޕޫލު އެތުރުމުގެ ކުރިން ކޮންކްރީޓް ބޭސް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އޭޕްރީލް މަހު މަސައްކަތް ފެށުނު މި ޕްރޮޖެކްޓްގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މުޅި މަޝްރޫޢު ނިންމުމަށް އަމާޒުކުރެވިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި އައު ޕޫލް ގާއިމުކުރެވެމުންދަނީ މިހާރު ހުޅުމާލޭގައި ހުރި ސްވިމިންގ ޕޫލާ ޖެހިގެން އޮތް ބިމުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.