ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގެއްގައި ހުރި އިމާރާތެއް މި މަހުގެ 17 ގެ ކުރިން ހުސްނުކުރެވިއްޖެނަމަ، އެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭންޖެހިދާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހުސްކުރަން ބޭނުންވާ އިމާރާތާއި އެ އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެކެވެ. ނަމަވެސް މިދިޔަ ދެ އަހަރު ވަންދެން މަސައްކަތް ކުރުމުންވެސް، އެ އިމާރާތް ބޭނުންކުރަމުންދާ ފަރާތުން ހުސްކުރުމަށް އިންކާރުކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ،" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނުނިމި، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހޭ ހާލަތެއް މެދުވެރިވެ، ދައުލަތަށް މާލީ ގެއްލުން ލިބިދާނެތީ، އެ އިމާރާތް ހިމެނޭ ސަރަހައްދު މަޝްރޫޢުން އުނިކުރުމަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ މުއްތަލިބު އިތުރަށް ވިދާޅުވީ، މި މަހުގެ 17 ގެ ކުރިން މައްސަލައަށް ހައްލެއް ލިބިއްޖެނަމަ، އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ބިން ހުސްނުކުރެވިއްޖެނަމަ، ބިން ލިބޭ ހިސާބުން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
455.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު އާ ޓާމިނަލެއް، ކޯލްޑް ސްޓޯރޭޖް، ކާގޯ ވަސީލަތްތައް، އާ ކޮންޓްރޯލް ޓަވަރެއް، ފަޔަރ ސްޓޭޝަނެއް އަދި އެއަރޕޯޓުގެ މަގުތަކާއި ޕާކިންގ ސަރަހައްދުތައް ތަރައްގީކުރުން ހިމެނެއެވެ. މި މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.