ރާއްޖޭގައި މިވަގުތު 83 ގޭންގު އުފެދިފައިވާ ކަމަށާއި، އޭގެ ތެރޭގައި 97 ކުޑަކުދިން ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ނައިބު ސަންއަށް ދެއްވި މައުލޫމާތެއްގައި ވިދާޅުވީ އެ މިނިސްޓްރީން އެއްކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ގޭންގުތަކުގައި 3،500 އަށްވުރެ ގިނަ މީހުން އެކްޓިވްކޮށް ހަރަކާތްތެރިވާ ކަމަށްވެއެވެ. މީގެ ތެރެއިން މާލޭގައި އެކަނި 45 ގޭންގު އުފެދިފައިވާއިރު، އެ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. އަތޮޅުތަކުގައި 31 ގޭންގު އޮތްއިރު، އެ ގޭންގުތަކުގައި 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވެއެވެ. "ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގައި 3،500 އެއްހާ މީހުން ކުށުގެ ވެށީގައި އުޅުމަކީ ވަރަށް ނުރައްކާތެރި އިންޒާރެއް. އެއީ ގައުމެއް ހަލާކުވެދާނެ ކަމުގެ ސިގުނަލެއް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ގޭންގުތަކުގެ ހަރަކާތްތައް މިހާރު ވަނީ އިތުރަށް ފުޅާވެފައެވެ. މާރާމާރީގެ އިތުރުން، ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކުތަކާ ގުޅިގެން މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލާނެ އުމުރުތަކުގެ ނާޖާއިޒު ފައިދާ ނަގައި، ސްކޫލް ކުދިން ކުށުގެ ވެށްޓަށް ނެރެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލު ވަނީ 42 މެންބަރުންގެ އިއްތިފާގުން ފެބްރުއަރީ 12 ގައި ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލުގެ މަޤްޞަދަކީ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކުން މުޖުތަމައު ރައްކާތެރިކޮށް، މިފަދަ ކުށްތަކަށް ހަރުކަށި އަދަބު ކަނޑައެޅުމެވެ.