ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް, މިދިޔަ ވަނަ އަހަރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަނިޔާކުރުމުގެ މައްސަލަތައްކަން އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޖުމުލަ 722 މައްސަލައެއް ހުށަހެޅިފައިވާއިރު، ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ މައްސަލައިގެ ގޮތުގައި 423 މައްސަލަ ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 89 ޕަސެންޓަކީ ފިރިހެނުން އެމީހުންގެ އަނބިންނަށް ނުވަތަ ކުރީގެ އަނބިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކެވެ. އަނިޔާގެ ޢަމަލުތަކުގެ ބާވަތްތަކަށް ބަލާއިރު،
- ނަފްސާނީ އަނިޔާ އާއި ބަހުގެ ހަމަލާގެ 512 މައްސަލަ،
- ޖިސްމާނީ އަނިޔާގެ 472 މައްސަލަ،
- ބިރުދެއްކުމުގެ 292 މައްސަލަ،
- ކުޑަކުދިންނަށް އަނިޔާކުރާތަން ދެއްކުމުގެ 199 މައްސަލަ،
- މުދަލަށް ގެއްލުން ދިނުމުގެ 131 މައްސަލަ،
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 18 އަހަރުން މަތީގެ 676 މީހަކަށް އަނިޔާ ލިބިފައިވާއިރު، 315 ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާކުރި ފަރާތްތަކުގެ ތެރޭގައި 633 ފިރިހެނުންނާއި 135 އަންހެނުން އަދި ވަކި މީހެއް ނޭނގޭ 3 މީހަކު ހިމެނެއެވެ. ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް އެފްޕީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެ އޮތޯރިޓީން ވަނީ ފަށާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.