މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ފޯނުތަކަށް ފޮނުވަމުންދާ ސައްހަނޫން އެސްއެމްއެސް މެސެޖްތަކަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކޮށްފިއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ފޮނުވާ މެސެޖްތަކުގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށާއި، އެއްވެސް ޒާތީ ނުވަތަ މާލީ މަޢުލޫމާތެއް ހިއްސާނުކުރުމަށް އެދިފައިވެއެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ފުލުހުން ހާމަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ސްކޭމް މައްސަލަތަކުގައި 300 މިލިޔަން ރުފިޔާ ގެއްލިފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް 70 އަށް ވުރެ ގިނަ ވެބްސައިޓު މިފަދަ މައްސަލަތަކާ ގުޅިގެން ބްލޮކްކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

miއަމިއްލައަށްވެސް އިހުސާސްވާނެ، ތިމާ މިފަދަ އެއްޗަކަށް އޯޑަރ ނުކުރާކަން،ކުރިނަމަވެސް މިފަދަ ނުރަސްމީ ގޮތަކަށް މެސެޖުން ބުނުން، ޕޯސްޓުފަދަ މުވައްސަސާގެ ކަމެއް ނޫންކަން ދެނެގަނެ ވިސްނާހުރުން މުހިންމު/ ފޮޓޯ:ޝަފާ

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން ވެސް މީގެ އެއް ހަފްތާ ކުރިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމަށާއި، އަގުހެޔޮ ޑީލްތަކަށް ހެއްލިގެން ނުދިއުމަށް އެ ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ.

ސައިބަރ ކްރައިމް ސެންޓަރުން އިތުރަށް ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި، ސްކޭމް ކުރާ ފަރާތްތަކުގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލްތަކުގައި މަޢުލޫމާތު މަދުވުން ނުވަތަ އައު ޕްރޮފައިލަކަށްވުން، ނުވަތަ ރައްޓެހިން މަދުވުން ފަދަ ކަންކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ. އަދި އިތުބާރުހުރި މުޢާމަލާތެއްކަން ކަށަވަރުކުރުމަށް ކޭޝް އޮން ޑެލިވަރީގެ ޚިދުމަތް އިޚްތިޔާރުކުރުމަށާއި، ދެފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.