ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްތަކެއް ފަށައިފިއެވެ.

ދިވެހިރާއްޖެއަށް އަލަށް އައްޔަންކުރެވުނު ޖަޕާނުގެ ސަފީރު މިސިސް އިޝިގާމީ ރުމިކޯ އާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާ ދެމެދު އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމަކީ އިހްތިރާމުގެ ޒިޔާރަތެއްގެ ގޮތުގައި ކުރެވުނު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އާއި ޖަޕާނަކީ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ދެ ގައުމެވެ. "ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭ އެއް ގައުމު" ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް މިނިސްޓްރީން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެއްބަސްވެވިފައެވެ.