މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ފެށުނު މި އިމްތިހާނުތައް ކުރިއަށްދަނީ މުޅި ރާއްޖޭގެ 260 ސެންޓަރެއްގައެވެ.

ތަޢުލީމީ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އެސްއެސްސީ އިމްތިހާނުގައި 7،519 ދަރިވަރުން ބައިވެރިވާއިރު، ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7،666 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ނިމުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

އޯލެވެލް އިމްތިހާނުގެ އުސޫލަށް ގެނައި މުހިންމު ބަދަލުތައް
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ދަށުން، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާތަކަކީ މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ކަނޑައަޅައި، މި މާއްދާތަކުގެ އިމްތިހާނު ފީ ސަރުކާރުން ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އައު އުސޫލުގެ ދަށުން، މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، ކޮންމެ ދަރިވަރަކަށްވެސް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާންޖެހޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ އަންގަވާފައެވެ.

މި ބަދަލުތަކަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއެޅުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.