ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ރ. މަޑުއްވަރިއާއި މީދޫއަށް އިތުރު ޖަނަރޭޓަރު ސެޓުތަކެއް ފޯރުކޮށްދީފިއެވެ.

މިގޮތުން މީދޫއަށް 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓަކާއި މަޑުއްވަރިއަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ވަނީ ފޮނުވާފައެވެ.

2,400 އެއްހާ މީހުން ދިރިއުޅޭ މީދޫގައި މިހާރު ބޭނުންކުރަމުންދަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 500 އަދި 300 ކިލޯވޮޓްގެ ޖަނަރޭޓަރުތަކެކެވެ. މީދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި މިހާރު ބޭނުންކުރަމުންދާ ކުޑަ ދެ ޖަނަރޭޓަރު އެކަށީގެންވާގޮތެއްގައި ބޭނުން ނުކުރެވޭ ހާލަތުގައި ވުމާއެކު، އަލަށް ލިބުނު 1 މެގަވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ޔަޤީންވެގެންދާނެއެވެ.

2,600 އެއްހާ މީހުން ދިރިއުޅޭ މަޑުއްވަރީގައި މިހާރު ބޭނުންކުރަމުންދާ 500 މެގަވޮޓް އަދި 400 މެގަވޮޓްގެ ދެ ޖަނަރޭޓަރު ދުވަސްވެ ބާވެފައިވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި އެރަށުގައި ޢިމާރާތްތައް އިތުރުވަމުންދިޔުމާއެކު ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާއިރު، އަލަށް ލިބުނު ޖަނަރޭޓަރާއެކު ކަރަންޓުގެ ދެމެހެއްޓެނިވިކަން ޔަޤީންވެގެންދާނެއެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ދެރަށަށް ޖަނަރޭޓަރު ފޮނުވާފައިވަނީ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑުކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ. އަދި މި ޖަނަރޭޓަރު ސެޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެއެވެ. ފެނަކައިން ވަނީ ނިމިދިޔަ 2024 ވަނަ އަހަރު ރާއްޖޭގެ 53 ރަށަކަށް 61 ޖަނަރޭޓަރު ސެޓު ފޮނުވާފައެވެ.