ރާއްޖޭގައި ހުރީ 3704 ކްލާސްރޫމް ކަމަށާއި ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް މި އަހަރުގެ ތެރޭގައި އޭސީ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މިއަދު ކުރިއަށްދިޔަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑްގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުތަކުގައި ދަރިވަރުން އެންމެ ގިނައިން އެދުނު ކަމަކީ ކްލާސްރޫމްތައް ފިނިކޮށްދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ވަރަށް ހޫނު ރަށްތައް. އެހެންކަމުން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނައިގެން ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅީ ހުރިހާ ކްލާސް ރޫމްތަކެއް ފިނިކުރަން،" ރައީސް ޑރ މުއިއްޒު
ރާއްޖޭގައި މިވަގުތު 3,704 ކްލާސްރޫމް ހުރިއިރު، މިހާތަނަށް 800 އެއްހާ ކްލާސްރޫމްގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ފަންޑިންގ މައްސަލައެއް ނެތް ކަމަށާއި، މިހާރު އޮތީ އޭސީތައް ގަތުމުގެ ޕްރޮކިއުމަންޓް މަރުހަލާގައި ކަމަށް ވިދާޅުވިއެވެ. ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ހޯލްތަކުގެ މަސައްކަތް މި އަހަރު ތެރޭގައި ނުނިމިދާނެ ކަމަށް ވިދާޅުވިއެވެ.
"ގިނަ ރަށްތަކުގައި އެއީ ހަމައެކަނި ސްކޫލްގެ ބޭނުމަށް އެކަނި ބޭނުންކުރާ ތަންތަނެއް ނޫން. ގިނަ ރަށްތަކުގައި ނުހުރޭ ރައްޔިތުން އެއްވެގެން އިންޑޯ ހަރަކާތެއް ހިންގޭނެ ތަނެއް،" ރައީސް ޑރ މުއިއްޒު
މި މަޝްރޫޢުގެ ދަށުން ހަރުކުރެވޭ އޭސީތައް ހިންގުމަށް ބޭނުންވާ ހަކަތަ ލިބިދެވޭނީ އިޔާދަ ކުރަނިވި ހަކަތައިން ކަމަށާއި، އެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށް ކަމަށް ރައީސް ޑރ މުއިއްޒު ހާމަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.