އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަދަމުންދާ އާ މަގު ހެދުމަށް ހުރަސްއެޅިފައިވަނީ އީކުއޭޓަރ ވިލެޖްގެ އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން ކަމަށާއި އަދި ހުސް ކުރަން ޖެހޭ އިމާރާތުގެ ބަދަލުގައި އެހެން ބިިމެއް ނުވަތަ އިމާރާތެއް ދޭން ހުށަހެޅުމުން ވެސް އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށް އައްޑޫ އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

އޭއައިއޭއިން ބުނީ މި އިމާރާތްތަކަކީ ކުރިން ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓަރ ވިލެޖަށް ކުއްޔަށް ދީފައިވާ ތަންތަން ކަމަށާއި، 2012 ގައި އެގްރީމެންޓްގެ މުއްދަތު ހަމަވުމާ ގުޅިގެން އައު އެގްރީމެންޓެއް ހެދުމަށް މަސައްކަތް ކުރެވުނު ނަމަވެސް، 2013 ގައި ޓޫރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން މި ބިންތައް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިއީ އީކުއޭޓަރ ވިލެޖް ހޮޓެލް ކުއްޔަށް ދިނުމުގެ އެގްރީމެންޓްގައި ނުހިމެނޭ ބިމެއް ކަމަށް ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދީފައިވެއެވެ. އެގްރީމެންޓްގައި ހިމެނެނީ ހަމައެކަނި ހޮޓެލްގެ ޓޫރިސްޓް ކޮޓަރިތައް ހުރި ސަރަހައްދުގެ ބިން އެކަނި ކަމަށްވެސް އޭއައިއޭއިން ބުނެފައިވެއެވެ.

އޭއައިއޭއިން އިތުރަށް ހާމަކުރި ގޮތުގައި، ގޭން އިންވެސްޓްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ބަދިގެ، ސްޓާފް މެސް، ރިސޯޓް ލޯންޑްރީ، ގަރާޖް، ސްޓާފް ރެކްރިއޭޝަން އޭރިއާ އަދި ސްކްއަޝް ރޫމަކީ މަގު ހެދުމަށް ހުސްކުރަންޖެހޭ ބިމުގައި ހުރި ތަންތަނެއް ނޫނެވެ. އަދި މި ތަންތަން ހުސްކުރުމަށް އިތުރު ބިމެއް ނުވަތަ އިމާރާތެއް ދިނުމަށްވެސް އެއްބަސްވެފައެއް ނުވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭއައިއޭއިން ބުނެފައިވަނީ، މައްސަލަ ޖެހިފައިވާ ބިމަކީ އެ ކުންފުނީގެ ހަރުމުދަލެއް ކަމަށްވެފައި، އެތަނުގެ މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރުމާއެކު، ޤާނޫނީ ލަފާ ހޯދުމަށްފަހު ޝަރީޢަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމާމެދު ގޮތެއް ނިންމުމަށް ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.