ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސަނާބިލް މަޝްރޫޢު ފައްޓަވައިދެއްވުމަކީ ވަޤުފު މަޝްރޫޢުތަކަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު ސަނާބިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫޢުތަކަށް ދެއްވާ އަހައްމިއްޔަތުކަން މި މަޝްރޫޢާ އެކު ފެނިގެންދާ ކަމަށެވެ.

ސަނާބިލް އިމާރާތަކީ އައިޔޫއެމްއަށް އާމްދަނީ ހޯދުމުގެ މަޤްޞަދުގައި އަޅާ އިމާރާތެއް ކަމުގައިވީ ނަމަވެސް، މި އިމާރާތުގެ ސަބަބުން ޔުނިވަރސިޓީއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުން ކަމަށާއި، އައިޔޫއެމްއިން މި ފައިސާ ހޯދާފައިވަނީ ސުކޫކު ވިއްކައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ