ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީތަކުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވި ގޮތުގައި، ދޮށީ އުމުރުގެ ގިނަ ފަރާތްތަކެއް ނާދީއަށް ޒިޔާރަތްކުރައްވާ ކަމަށާއި، މީގެ ސަބަބުން ކުރިން ގޭތެރޭގައި އެކަނިވެރިވެފައި ތިބި ފަރާތްތަކުގެ ދިރިއުޅުމަށް "އެދެވޭ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވޭ" ކަމަށެވެ.
އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ނާދީގައި ގިނަ ހަރަކާތްތަކެއް ހިންގާކަމަށް ފާހަގަކުރައްވަމުން، ކަސްރަތު ކްލާސްތަކުގެ ޚިދުމަތްތައް ފުޅާކުރެވި، ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސްކްރީނިންގ ޕްރޮގްރާމްތަކާއި އެކިއެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެ އާބާދީއަކީ ދުޅަހެޔޮކަންމަތީ ތިބޭ ބަޔަކަށް ހެދުމަށްޓަކައި މިހާރު ކުރެވޭ މަސައްކަތްތަކުގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އިސްރަށްވެހިންނަކީ ޤަދަރުވެރިކަމާއި ފަޚުރުވެރިކަމާއެކު މުޖުތަމަޢުގައި އުޅޭ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ވަޢުދުފުޅެއް ކަމަށްވާއިރު، މި ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ރަނގަޅު އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.