1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ފަންނީ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ޤައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވެއެވެ. އަދި މި ހަރަކާތްތައް މުޅި ރާއްޖެ ޝާމިލުވާގޮތަށް އިންތިޒާމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެކި ކަންކޮޅުތަކުގައި އެކި ފަރާތްތަކުން ބާއްވާ ހަރަކާތްތައް ޤައުމީ ޓީވީން ދުރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ އިސްކަންދީފައެވެ.
ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ބޭއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. ޚާއްޞަކޮށް ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމުގައި ހަރުދަނާ އިޞްލާޙީ ވިސްނުމެއްގެ މައްޗަށް ކަންކަން އެކަށައެޅުމަށް އިސްކަންދޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ކޮމެޓީގެ މަސައްކަތްތައް ބެހިފައިވާ ގޮތުން، ދީނީ ކަންކަމުގައި ލަފާދެއްވުމުގެ ޒިންމާ އަދާކުރާނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. އަދި ފަންނީ ކަންކަމުގައި ޕީއެސްއެމުން ލަފާދޭއިރު، އިންތިޒާމީ އަދި އިދާރީ ކަންކަން ބަލަހައްޓާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.
މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިތުރު ފުރިހަމަކަމެއް ގެނައުމަށް މަސައްކަތްކުރާއިރު، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޢީދުގެ އުފާވެރިކަން މުޅި ރާއްޖެއަށް ފެތުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭނެކަން ފާހަގަކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.