ދުންފަތް މަނާވާ އުމުރުފުޅާ ކަނޑައެޅުމާ ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރެއްވި ވީޑިއޯއެއްގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭ މުހިންމު ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައިވެއެވެ.

މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސަރވޭ 2022 އަށް ރިޢާޔަތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ. އަދި ރާއްޖޭގައި ބަލިތަކާ ގުޅިގެން މަރުވާ މީހުންގެ 84 އިންސައްތައަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ.

"ރާއްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ސަރވޭއެއް ދައްކާގޮތުން، 15 އަހަރާއި 29 އަހަރާ ދެމެދުގެ 28.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއިން ދައްކާ ގޮތުގައި ސްކޫލް ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން ނިކޮޓިން މާއްދާ ހިމެނޭ ބާވަތްތައް ބޭނުންކުރެއެވެ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް މުޢިއްޒު ވަނީ އޮންލައިން ޕޯލެއްވެސް ނަންގަވާފައެވެ. މި ޕޯލުގައި ގިނަ ބަޔަކު ވޯޓުދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއެކުވެސް މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ