ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި ކައުންސިލްތަކާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި "ރަށްވެހީންގެ ސައްލާ" ފޯރަމް ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ފަރާތެއް ބައިވެރިވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފާހަގަކުރިގޮތުގައި، މި ފޯރަމްގައި ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން މުހިންމު ގިނަ ދާއިރާތަކުން މަޝްވަރާ ކުރެވިގެންދާނެއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ފޯރަމެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ފޯރަމްގައި މަޝްވަރާކުރެވޭ މައިގަނޑު ބައިތަކުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވޭނެ ގޮތްތަކުގެ އިތުރުން އިފެކްޓިވް ކޮމިޔުނިކޭޝަން އަދި ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓާ ގުޅޭ މައުޟޫތައް ހިމެނެއެވެ.

އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، "ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދާދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށެވެ."

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މި ފޯރަމަކީވެސް އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ފާހަގަކުރެވެއެވެ.