މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުން 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އައު ޤަވާއިދު ގެޒެޓްކުރުމާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ބަޔަކު ފަތުރަމުންދާތީ، އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ. އެގޮތުން މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގެ ދެވަނަ އިސްލާހުގެ ދަށުން، މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ނެގުމަށް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކުރުމަށްފަހު، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލައިސަންސް ނެގިދާނެއެވެ.

އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސް

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚްތިޔާރު ރަށު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

ނަމަވެސް މި ލައިސަންސް ބޭނުންކުރެވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ނިސްބަތްވާ ރަށެއްގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ރަށްރަށުގައި ދިރިއުޅޭ އިސް ރައްވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.