ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށްޓަކައި، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެންމެހައި ފަރާތްތަކަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، އިސްތިއުމާލުކުރުން މަނާކުރުމަށް މިއަދު އޮތް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. މިގޮތުން، މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، 2025 ވަނަ އަހަރުގެ ނޮވެންބަރު 1 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުން، ދިވެހިންގެ މެދުގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އަދި ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުގައެވެ.
މި ނިންމުމުގެ ދަށުން އަސަރުކުރާނެ އާބާދީއަށް ބަލާއިރު، ދިވެހިންގެ ޖުމްލަ އާބާދީ ކަމަށްވާ 411,741 މީހުންގެ ތެރެއިން 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވި މީހުންގެ ތެރެއިން މަރުވެފައިވާ މީހުން ނުހިމަނައި، 124,002 މީހުން ނުވަތަ ޖުމްލަ އާބާދީގެ 30.1 އިންސައްތަ މީހުންނަށް މި ނިންމުމުގެ އަސަރުކުރާނެއެވެ.
އަދި މި ނިންމުމާ ގުޅިގެން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.