ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" މަރުކަޒުގެ މަސައްކަތަށް ބޭނުންވާ ބިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ތިން ސަރަޙައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޚިދުމަތްތަކެއް ދޭނެ މަރުކަޒުތަކެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ތުލުސްދޫގައި މި މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން އިސްރަށްވެހިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ވެސް މި މަރުކަޒުން ލިބިގެންދާނެއެވެ.
ތުލުސްދޫގައި ޤާއިމުކުރާ މި މަރުކަޒަކީ 100 މީހުންގެ ޖާގައިގެ ތަނެކެވެ. މި ތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް އަދި ލައިބްރަރީއެއް ހިމެނޭނެއެވެ. އަދި އެކި ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ މަލްޓި-ޕާޕަސް ހޯލުތަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ. މި މަރުކަޒު ފަރުމާކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާ "ރެސިޑެންޝަލް ކެއާ"، "ނާސިން ކެއާ" އަދި "ޑޭ-ކެއާ" ޚިދުމަތްތައް ލިބޭނެ ފަދަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިންނެވެ.
މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ. ތުލުސްދޫގެ އިތުރުން ށ. ފުނަދޫގައި ޤާއިމުކުރާ އޭޖްޑް ކެއަރ ސެންޓަރުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ ފޭދޫގައި ތަރައްޤީކުރާ މަރުކަޒުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްސްއާއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި މަރުކަޒުތަކާއެކު ދައުލަތުން އިސްރަށްވެހިންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.