ދިވެހި ބަހާއި ތާރީޚަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުހައްމަދު ވަހީދު މިއަދު ހެނދުނު އައިޖީއެމްއެޗްގައި އަވަހާރަވެއްޖެ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 77 އަހަރެވެ. ގިގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ވަހީދު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގައެވެ.

ހއ. ހޯރަފުއްޓަށް އުފަން މަޑުލު ވަހީދަކީ ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ދާއިރާއަށް މަދަރުސީ ދުވަސްވަރު ވަދެވަޑައިގެން، އެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ފުރަތަމަ ލިޔުއްވުންތަކުގައި ބޭނުން ކުރެއްވީ "ހޯރަފުށީ ވަހީދު" ގެ ނަމެވެ.

މަޑުލު ވަހީދުގެ އަގުހުރި ޚިދުމަތްތަކަށް ބައްލަވައި، 2019 ވަނަ އަހަރު ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވާފައެވެ. ހަމަ އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ހާސިލް ކުރެއްވި އެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު ވަހީދަކީ ބޭރުގެ ޚަބަރުތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ދިވެހިރާއްޖޭގެ އަޑުން ގިނަ ދުވަސްތަކެއް ވަންދެން އެ ޚަބަރުތައް ގެނެސްދެއްވި ބޭފުޅެކެވެ. މީގެ އިތުރުން ވާހަކަ ލިޔުއްވުމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެން، ގިނަ އަދަދެއްގެ ކުރު އަދި ދިގު ވާހަކަތައް ވަނީ ޝާއިޢުކުރައްވާފައެވެ.