ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމުގައި ފާހަގަކުރައްވައި، މިއަދު ފާހަގަކުރަމުންދާ ދިވެހިބަހުގެ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ "ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން" ކަމަށެވެ. އަދި ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއެކު، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަން ރައީސް ފާހަގަކުރެއްވިއެވެ.
2015 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދިވެހިބަހުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "އިސްކުރާނީ ދިވެހިބަސް" އެވެ. މިއީ ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވާ ޝިޢާރެވެ.
ދިވެހިބަސް ދިރުވައި އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމުގެ ދަށުން، ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުން ހިމެނެއެވެ.
މީގެއިތުރުން، ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެ ކަމަށް ދިވެހިބަހާ ބެހޭ ވަޒީރު ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.