ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 287 މިލިއަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އެވެ. އަދި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މުރުޝިދު އެވެ. މި ލޯނުގެ ގޮތުގައި ސަޢުދީ ފަންޑުން ދޭން ނިންމާފައިވަނީ 63 މިލިއަން ސަޢުދީ ރިޔާލް ނުވަތަ 287 މިލިއަން ދިވެހި ރުފިޔާއެވެ.
މާލީ ވުޒާރާއިން ބުނާ ގޮތުގައި މި ލޯނު އެހީގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
"މި މަޝްރޫޢު ނިމުމުން ފަތުރުވެރިންނަށާއި އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެ," މާލީ ވުޒާރާއިން ބުންޏެވެ.
އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ނިމުމުން ޤައުމީ އުފެއްދުންތެރިކަމުގެ މައިގަނޑު ބައެއް ޙިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.