ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލަންދެން، އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހުގެ ދަށުން އިސްރާޢީލުގެ ޕާސްޕޯޓު ހިފައިގެން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެއެއް ނުވެވޭނެއެވެ. ނަމަވެސް ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށް މި އިސްލާހުގެ ދަށުން އިސްތިސްނާ ލިބިގެންދާނެއެވެ. ކޮމިޓީން މި އިސްލާހު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި މައްސަލައިގައި ކުރެވޭނެ ކަންކަން ކަނޑައަޅައި ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަން ފެށި 2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 114،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްފައިވެއެވެ. އަދި ޣައްޒާގެ އާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

އިސްރާއީލުގެ މި އަނިޔާވެރި ޢުދުވާން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ވަކާލާތުކުރައްވާފައެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާއެކުގައި ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.