ނ. ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު ހެނދުނު ޑަޔަލިސިސްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު މިއަދު ދެ ޕޭޝަންޓަކަށް ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ.

ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު، މާލެ ފިޔަވައި ރާއްޖޭގެ 15 ރަށެއްގައި މިހާރު މި ޚިދުމަތް ލިބެމުންދެއެވެ. ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.

ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި ތ. ވޭމަންޑޫގައި ވެސް މި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ވަގުތު ޑަޔަލިސިސްގެ ޚިދުމަތް ނުލިބޭ އަތޮޅުތަކުގެ ތެރޭގައި އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅު ހިމެނެއެވެ.

ސަރުކާރުން ވަނީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަމާޒު ހިފާފައެވެ.