އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް އާންމުކޮށްފިއެވެ. މި އެޑްވައިޒަރީގައިވާ ގޮތުން 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިސްރާޢީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާކަމެކެވެ.
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤުކުރައްވާފައެވެ. މި އިޞްލާޙު ތަސްދީޤުކުރެއްވުމާއެކު، އެހިނދުން ފެށިގެން ރާއްޖެއަށް އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެނުވެވޭނެއެވެ.
އިސްރާޢީލު ޕާސްޕޯޓު މަނާކުރުމަށް ރާއްޖެއިން ނިންމި ނިންމުމާ ގުޅިގެން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ރާއްޖެއަށް ހުއްޓިފައެވެ. މީގެ ތެރޭގައި އަލްޖަޒީރާ، ރަޝިޔާގެ އާރުޓީ ނިއުސްއާއި އަދި އެހެނިހެން ބޮޑެތި މީޑިއާތައް ހިމެނެއެވެ. އަދި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައިވެސް ގިނަ ފަރާތްތަކުން ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ނިންމި ނިންމުން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ތަޢުރީފުގެ މެސެޖުތަކާއި ޝުޢޫރުތައް ފޮނުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.