އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި އަދި ޖޫންމަހުގެ ތެރޭގައެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10، 11، 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ. މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ކްލާސްތައް ކުރިއަށްދާނީ ފޭސްޓު-ފޭސްކޮށް ކަމަށްވާއިރު، ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް ކުރިއަށްދާނީ އޮންލައިންކޮށެވެ.
ވުޒާރާއިން ބުނާ ގޮތުގައި، މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި ޚަޠީބުކަމުގެ ސަނަދު ލިބޭނީ އިންޓަވިޔު ފާސްކޮށް، ހުރިހާ ސެޝަންތަކަށް ހާޒިރުވެ، ލިޔުމުގެ އިމްތިހާނުން ފާސްވާ ބައިވެރިންނަށެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ވުޒާރާގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމެވެ.
މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.