މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިގޮތުގައި، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިންނެވެ.
ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި، އާންމު ރައްޔިތުންނަށް ދީނީ ދަރުސް ދެއްވުމާއި، އިލްމުވެރިންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. މީގެއިތުރުން ސަލްމާން މިސްކިތަށާއި އިސްލާމީ މުއައްސަސާތަކަށްވެސް ޒިޔާރަތްކުރައްވާނެއެވެ.
މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒު ދެއްވީ މިދިޔަ ހަފުތާގައެވެ. މި ޒިޔާރަތުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި ސަޢުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އަރަބިއްޔާގެ އެމްބަސީން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ފަހަރަށް ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.