ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އަހައްމިއްޔަތުކަމެއްގެ ދަށުން، ރަމަޟާން މަހަށް އަސާސީ ތަކެއްޗާއި ޑިމާންޑް ބޮޑު މުދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހު އަގުތައް އެއް މިންގަނޑެއްގައި ހިފެހެއްޓުން ކަމުގައި މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މި މަސައްކަތުގައި ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރިން ފޯރުކޮށްދެއްވި އެހީތެރިކަމަކީ އެ ފަރާތްތަކަށް ޝުކުރު ޙައްޤު، މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން، ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ތަކެތި އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މާތްﷲ ގެ ވާގިފުޅާއެކު މި މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.